އީރާނާ ދެކޮޅަށް އިޒްރޭލާ ގުޅިގެން އެމެރިކާއިން ކުރާ ހަނގުރާމައަށް އެމެރިކާގެ ރައްޔިތުންގެ ޓެކްސްފައިސާއިން ކުރަމުންދާ ޚަރަދުތަކަށްވާ ފައިސާއަށްވުރެ މާ ބޮޑު އަދަދެއް، ވެނެޒުއޭލާއިން ލިބިފައިވާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އޮކްޓޯބަރު 30 ވަނަ ދުވަހު، ނޫސްވެރިންނާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވިގޮތުން، އެމެރިކާއިން ވަނީ ވެނެޒުއޭލާއިން ސަތޭކަ ބިލިއަނަށްވުރެ ގިނަ ޑޮލަރު ހޯދައިފައެވެ. ނަމަވެސް މުސްތަގިއްލު ރިޕޯޓުތައް ބުނާގޮތުގައި ވެނެޒުއޭލާގެ ތެލުން ލިބިފައިވާ އަސްލު އަދަދަކީ ގާތގަނޑަކަށް 13 ބިލިއަން ޑޮލަރެވެ. އަދި އީރާނުގެ ހަނގުރާމައަށް 29 ބިލިއަނާއި 47 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ޚަރަދުވެފައިވާ ކަމަށް ޕެންޓަގަންއިން ބުނެއެވެ.

ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން، ވިދާޅުވީ، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ޚަރަދަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި ވެނެޒުއޭލާއިން ލިބުނު ފައިސާއިން އެ ޚަރަދުތައް އެތައް ގުނައަކަށް ކަވަރުކޮށްދީފައިވާ ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ޓްރަމްޕް ވިދާޅުވީ އީރާނު ހަނގުރާމައަށް އޭނާ ހޭދަކުރި ކޮންމެ ފައިސާއެއްގެ ބަދަލުގައި، ވެނެޒުއޭލާގައި އެމެރިކާއިން ކުރި ކަންކަމުން އެތައް ގުނައެއް އިތުރަށް، ސަތޭކަ ބިލިއަނުން ގުނާލެވޭ ފައިސާ ހޯދައި، އެކަން ވަނީ ފޫބައްދާފައި ކަމަށާއި އަދި ލިބުނު މުއްސަނދިކަން، ހޭދަކުރި މިންވަރަށްވުރެ ގާތްގަނޑަކަށް 10 ގުނަ އިތުރުވާނެ ކަމަށެވެ.

އިރާނުގެ ހަނގުރާމައަކީ "އާދައިގެ ހަނގުރާމައެއް ނޫން" ކަމަށް ސިފަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، މިއީ ހަތް މަސް ދުވަހަށް ދެމިގެންގޮސްފައިވާ ހަނގުރާމައެއް ކަމަށާއި، އެހެނިހެން ހަނގުރާމަތަކާ އަޅައިބަލާއިރު އެމެރިކާއިން ކުރަނީ ވަރަށް ކުޑަކުޑަ ޚަރަދެއް ކަމަށެވެ.

ޑިމޮކްރެޓިކް ރެޕްރެޒެންޓޭޓިވް ރޯ ޚާނާއަށް ފާޑުވިދާޅުވަމުން ޓްރަމްޕް އޭނާ ސިފަކުރެއްވީ "ގާބިލުކަން ކުޑަ" މީހެއްގެ ގޮތުގައެވެ. އަދި އީރާނަށް ނިޔުކްލިއަރ ހަތިޔާރެއް ހޯދުން މި ކެމްޕޭނުގެ ސަބަބުން ހުއްޓުވިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި އީރާނުގެ ސިފައިންނާއި ފުލުހުންނަށް މުސާރަ ދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި، ނަމަވެސް އެމީހުން އަދިވެސް ވާހަކަތައް ދައްކަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެމެރިކާއަށް އެކަމަށް ވަގުތު އޮތް ކަމަށްވެސް ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ.

ޓްރަމްޕގެ މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ނޮވެމްބަރު މަހު ބޭއްވޭ މީޑްޓާމް އިންތިޚާބަށްފަހު އެމެރިކާއިން އީރާނަށް އަލުން ހަމަލާތައްދީފާނެ ކަމަށް ބައެއް ރިޕޯޓުތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.

އޮކްޓޯބަރު މަހުގެ މެދުތެރެއާ ހަމައަށް ޕެންޓަގަންއިން ލަފާކޮށްފައިވާ ގޮތުގައި އީރާނުގެ ކެމްޕޭނަށް ސީދާ ޚަރަދުވެފައިވަނީ 29 ބިލިއަން ޑޮލަރާއި 47.1 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެކެވެ. އޭގެ ތެރެއިން ގިނަ ފައިސާ ޚަރަދުކޮށްފައިވަނީ ހަތިޔާރާއި އަސްކަރީ ސާމާނު އާ ކުރުމަށެވެ.

ނިކޮލަސް މަޑޫރޯ ވެރިކަމުން ދުރުކުރި ފަހުން، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ވެނެޒުއޭލާގެ ތެލުން އެމެރިކާއަށް ގާތްގަނޑަކަށް 13 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ފައިނޭންޝަލް ޓައިމްސް ހިމެނޭ ގޮތަށް މުސްތަގުއްލު ދިރާސާތަކުން ދައްކައެވެ. އެ ފައިސާ ބަހައްޓާފައިހުރީ އެމެރިކާގެ ޚަޒާނާތަކުގައެވެ. އޭގެ ތެރެއިން ބައެއް ފައިސާ ވެނެޒުއޭލާ ސަރުކާރަށް ދޫކޮށްފައިވެއެވެ. ފެކްޓް-ޗެކްކުރާ ފަރާތްތަކުން ބުނާގޮތުގައި ޓްރަމްޕް ވިދާޅުވާ "ސަތޭކަ ބިލިއަން ޑޮލަރު"ގެ ވާހަކައަކީ ހަގީގީ އަދަދުތަކަށްވުރެ މާ މަތީ އަދަދެކެވެ.

ވެނެޒުއޭލާގެ ތެލުން އީރާނުގެ ހަނގުރާމައިގެ ޚަރަދު "25 ގުނަ އިތުރަށް" ކަވަރުކޮށްފައިވާ ކަމަށް ބުނެ ޓްރަމްޕް މީގެ ކުރިންވެސް މިފަދަ ވާހަކަތައް ދައްކަވާފައިވެއެވެ. އެންމެ ފަހުން ވައިޓް ހައުސްއިން ބުނެފައިވާ ގޮތުގައި ވެނެޒުއޭލާއިން އެއްވެސް ޚަރަދަކާ ނުލައި އެއް މިލިއަން ފީފާ ތެޔޮ އެމެރިކާއަށް ފޮނުވާފައިވެއެވެ.

ޓްރަމްޕް އޭނާގެ އެންމެ ފަހުގެ ވާހަކަތަކަށް ބާރުދޭނެ ފަދަ ސައްޙަ އަދަދުތަކެއް ހާމަކުރައްވާފައެއް ނުވެއެވެ. ތެލުން ލިބޭ ފައިސާއިން ސަރުކާރުގެ އޮޕަރޭޝަންތައް ހިންގުމަށް އެހީތެރިވެދޭ ކަމަށް އޮފިޝަލުން ބުނާއިރު، އެ ފައިސާ ދަނީ ކޮން ތާކަށްކަމުގެ ސާފު ތަފުސީލެއް ހޯދުމަށް ކޮންގްރެސްގެ ބައެއް މެންބަރުން އަދިވެސް އެދެމުންދެއެވެ.