އަސްކަރީ ކޮންމެ އުދުވާނަކާ ދެކޮޅަށް، ވަގުތުން ފިޔަވަޅުއަޅަން ފުޅާދާއިރާއެއްގައި ރައްދުދިނުމުގެ ފުރިހަމަ އަސްކަރީ ޕްލޭނެއް އީރާނުގެ އަސްކަރިއްޔާއިން އެކުލަވާލައިފައިވާކަމަށް، ސިޔާސީ އަދި އަސްކަރީ ދާއިރާގެ އިސް އޮފިޝަލަކު އޮކްޓޯބަރު 30 ވަނަ ދުވަހު ލުބުނާނުގެ 'އަލް މަޔާދީން' އަށް ވިދާޅުވެއްޖެއެވެ.
"ހަރުދަނާ އަދި ވަރަށް ފުޅާދާއިރާއެއްގައި ރައްދު ދިނުމުގެ" ނިންމުންތަކެއް ނިންމައި ވަރަށް ސާބިތުކަންމަތީ އީރާން އޮތް ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ. އެ ރިޕޯޓުގައިވާ ގޮތުން، އީރާނުންދޭ ރައްދުޙަމަލާތަކުގެ ވަރުގަދަކަން، ދުޝްމަނުންނާއި އެމީހުންގެ ސަރަހައްދީ ބައިވެރިން މީގެ ކުރީން ދުވަހަކު އިޙްސާސްވެއް ކޮށްފައި ނުވާވަރުގެ އަދި ދުޝްމަނުން ހައިރާންކޮށްލާނޭފަދަ ނުރައްކާތެރި ރަށްދަކަށް ވާނެކަން ތެހެރާނުން ކަށަވަރުކޮށްދެއެވެ.
އީރާނުން ސިފަކުރާ "ޓެރަރިސްޓް އަމަލުތައް" ޢުދުވާނީ ފަރާތްތަކުން ހިންގައިފިނަމަ، "ގާނޫނީ ހަމަތަކުގެ ތެރޭން ހަމަލާދެވޭނެ އަމާޒުތަކުގެ" ލިސްޓު މިހާރުވެސް ދިގު ކަމަށާއި، އަދި އެ ލިސްޓު އިތުރަށް ފުޅާވެގެން ހިނގައިދާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ވަގުތުން ދޭ ކޮންމެ ރައްދެއްގައިވެސް، ދުޝްމަނުންނާއި، އެމީހުންގެ ސަރަހައްދީ މަދަދުގާރުންގެ ސިޔާސީ ވަސީލަތްތަކާއި، މަރުކަޒުތަކާއި، ހެޑްކުއަރޓަރުތައް ހިމެނޭނެ ކަމަށާއި، އީރާނާ ދެކޮޅަށް އެމީހުންގެ ބިން ބޭނުންކުރުމުގެ ފުރުސަތު އެއްވެސް ޤައުމަކުން ނުދިނުމަށް އޮފިޝަލް ވަނީ އިންޒާރުދެއްވާފައެވެ. އަދި ބިއްލޫރިންހަދާފައި ހުންނަ ގޭގައި ތިބެގެން އަވައްޓެރީންގެ ގެތަކަށް އޮއްގާ ނުއުކާށޭ ބުނެއުޅޭ "މިސާލުބަސް" އޭނާ ވަނީ އަވައްޓެރީންނަށް ހަނދާންކޮށްދީފައެވެ.
މި ވާހަކަތައް އީރާނުގެ އައިއާރުޖީސީ "އިސްލާމީ އިންގިލާބީ ގާޑުންގެ ލަޝްކަރު"" އާ ގުޅުންހުރި އެގައުމުގެ 'ތަސްނީމް' ނޫސް އޭޖެންސީންވެސް ޝާއިއުކޮށްފައިވެއެވެ. މި ވާހަކަތައް ދެކެވިގެން ގޮސްފައި މިވަނީ، އެމެރިކާއާއި އީރާނާ ދެމެދު ދިގުލައިގެންގޮސްފައިވާ ނުތަނަވަސްކަމާއި، މީގެކުރީން ދީފައިވާ ހަމަލާތަކާއި، ސަރަހައްދީ ފެންވަރުގައި (އުމްރާނީ ވަސީލަތްތައް ހިމެނޭ ގޮތަށް) ހަމަލާދިނުމުގެ އިންޒާރުތަކާއި، އަދި އީރާނުގެ ތަޙުލީލުވެރިން މާނަކުރައްވާގޮތުގައި ޢަމަލީގޮތުން ބަރުދަނެއް ނެތް މެދުވެރިންގެ ޑިޕްލޮމެޓިކް މަސައްކަތްތަކެއްގެ ފަސްމަންޒަރުގެ ތެރެއިންނެވެ.
އެމެރިކާގައި ތައްޔާރުވަމުންދާ ނޮވެމްބަރު 3ގެ މިޑްޓާމް އިންތިޚާބަށްފަހު އަސްކަރީގޮތުން އާ ފިޔަވަޅުތަކެއް އެޅުން އެކަށީގެންވާ ކަމަށް އެމެރިކާގެ އޮފިޝަލުން އިޝާރާތްކޮށްފައިވާއިރު، ދެ ފަރާތުންވެސް އަންނަނީ އެއްބަޔަކު އަނެއް ބަޔަކަށް އިންޒާރުގެ ބަސްތައް ބަދަލުކުރަމުންނެވެ.



ޚިޔާލުތައް
0 ޝާއިއުކުރީޝާއިއުކުރި ޚިޔާލެއް އަދި ނެތް.