އެމެރިކާގެ މިޑްޓާމް އިންތިޚާބަށްފަހު އަލުން ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތަކާއި ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އީރާނުގެ މަތީ ދަރަޖައިގެ އަސްކަރީ ކޮމާންޑަރުންނާ ހޮނިހިރު ދުވަހު ބައްދަލުކުރައްވައި، އެމެރިކާ ނުވަތަ އިޒްރޭލުން ދޭ ކޮންމެ ހަމަލާއަކަށް ޖިއޮގްރަފީގޮތުން އެއްވެސް ހައްދެއްނެތި، ވަގުތުން އަދި ވަރުގަދަ ރައްދެއް ދިނުމަށާއި، އެމެރިކާއާއި އިޒްރޭލުގެ ހުރިހާ މަސްލަހަތުތަކެއް ހިމެނޭގޮތަށް އަމާޒުކުރާ ތަންތަނުގެ ލިސްޓު (ޓާގެޓް ބޭންކު) އަދާހަމަކުރުމަށް އީރާނުގެ އެންމެ އިސް ވެރިޔާ މުޖްތަބާ ޚާމަނާއީ އަންގަވައިފިއެވެ.
މުޖްތަބާ ޚާމަނާއީ، އެ ޤައުމުގެ އަސްކަރިއްޔާއަށް އަންގަވާފައިވަނީ އެމެރިކާ ނުވަތަ އިޒްރޭލުން އަލުން އަސްކަރީ ނުވަތަ "ޓެރަރިސްޓް" ހަމަލާއެއް ދީފިނަމަ، "ވަގުތުން، ވަރުގަދައަށް އަދި ޖިއޮގްރަފީގެ އެއްވެސް ހައްދެއްނެތި" ރައްދުދިނުމަށެވެ. އެމަނިކުފާނުގެ އޮފީހުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައިވާ ގޮތުން މި އަމުރުފުޅު ދެއްވާފައިވަނީ 2026 ފެބްރުއަރީ 28 ގައި ފެށުނު ހަނގުރާމައަށްފަހު، އީރާނުގެ އެންމެ އިސް ތިން އަސްކަރީ ކޮމާންޑަރުންނާއެކު ޚާމަނާއީ ބޭއްވެވި ފުރަތަމަ ރަސްމީ ބައްދަލުވުމުގައެވެ. އެ ކޮމާންޑަރުންނަކީ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ޖެނެރަލް އަލީ އަބްދުﷲ އާއި، އާމީ ކޮމާންޑަރު މޭޖަ ޖެނެރަލް އާމިރު ހާތަމީ އަދި އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯޕްސްގެ ކޮމާންޑަރު މޭޖަ ޖެނެރަލް އަޙްމަދު ވަހީދެވެ.
"އަދާވާތްތެރިން އަނެއްކާވެސް އަސްކަރީ ނުވަތަ ޓެރަރިސްޓް ހަމަލާތަކެއް ދޭނަމަ، އެ ހަމަލާތައް ނިމުމަކަށް ގެންނާނެ ވަގުތާއި ހާލަތްތައް ކަނޑައަޅާނީ އިސްލާމީ ޖުމްހޫރިއްޔާގެ އަސްކަރިއްޔާއާއި އީރާނުގެ ރައްޔިތުންނެވެ،" ޚާމަނާއީއާ ހަވާލާދީ ބަޔާނުގައި ބުނެފައިވެއެވެ. "އެންމެ މަތީ ދަރަޖައިގެ ނުވަތަ ކޮންމެ ވައްތަރެއްގެ އިންޒާރަކަށްވެސް، އެންމެ މަތީ ފެންވަރުގެ ދިފާއެއް ކަށަވަރުކުރުމުގެ ގޮތުން ޖިއޮގްރަފީގެ އެއްވެސް ހައްދެއްނެތި ވަގުތުން އަދި އީރާނަށް އޭގެ ފައިދާ އެންމެ ރަނގަޅަށް ކުރާނޭ ރައްދެއް ދިނުން ކަށަވަރުކުރުމަށް" އެމަނިކުފާނު ކޮމާންޑަރުންނަށް އަންގަވާފައިވެއެވެ.
މީގެ އިތުރުން، އީރާނުގެ އަސްކަރިއްޔާއަށް ފަސޭހައިން ހަމަލާދެވޭފަދަ ދާއިރާއެއްގެ ތެރެއަށް ގެނައުމަށްޓަކައި، "އެމެރިކާ-ސަހްޔޫނީ ދުޝްމަނުންގެ އަތުގައިވާ ފެންނަންހުރި އަދި ނުފެންނަ ހުރިހާ ބާވަތެއްގެ މުދަލާއި ވަސީލަތްތައް" އީރާނުގެ ހަމަލާދޭ ލިސްޓުގައި (ޓާގެޓް ބޭންކު) ހިމަނައި، އެ ލިސްޓު އަދާހަމަރުމަށްވެސް ޚާމަނާއީ އަމުރުކުރެއްވިއެވެ. ފާރިސް ކަނޑުއޮޅިއާއި، ހޮރްމުޒް ކަނޑުއޮޅިއާއި، އޮމާން ކަނޑުއޮޅިއާއި އަދި ބޯޑަރު ސަރަހައްދުތަކުގެ ތައްޔާރީތަކާ ގުޅޭގޮތުން ކޮމާންޑަރުން ވަނީ އެމަނިކުފާނަށް މައުލޫމާތު އަރުވާފައެވެ. އަދި ހަތިޔާރާއި ހަނގުރާމައިގެ ނިޒާމުތައް އުފެއްދުން އެތައް ގުނައަކަށް އިތުރުވެފައިވާ ކަމަށްވެސް އެ ފަރާތްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ހަނގުރާމަ ފެށުނުއިރު ދިން ހަމަލާތަކެއްގައި، އޭނާގެ ބައްޕާފުޅު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލައި އަދި މުޖްތަބާ ޚާމަނާއީއަށް ޒަޚަމްތަކެއް ލިބުނު ހާދިސާއަށްފަހު، އާންމުންގެ ކުރިމައްޗަށް ނުކުމެވަޑައިގެންފައި ނުވާ ޚާމަނާއީ މި އަމުރުތައް ނެރުއްވާފައިވަނީ، ނޮވެމްބަރު 3ގެ މިޑްޓާމް އިންތިޚާބަށްފަހު އެމެރިކާއިން އިތުރު ފިޔަވަޅުތަކެއް އަޅައިފާނެ ކަމަށް ދެކެވޭ ވާހަކަތަކުގެ އަޑު އިންތިހާއަށް ގަދަވެފައިވަނިކޮށެވެ. އީރާނުގެ އާމީގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު އަކްރަމީނިއާ ވަކިން ދެއްކެވި ވާހަކަފުޅެއްގައި އިންޒާރުދެއްވާފައިވަނީ އެމެރިކާއިން އާ ފިޔަވަޅެއް އަޅައިފިނަމަ، ހަނގުރާމައިގެ ބޯޑަރުތަކާއި ފުޅާމިން އިތުރަށް ބޮޑުވެގެންދާނެ ކަމަށެވެ.
ޤަތަރު މެދުވެރިވެގެން ކުރިއަށްދާ މަޝްވަރާތަކާއި، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ފޮނުއްވި ސިޓީއެއް ދިރާސާކުރުން ފަދަ އިތުރު ޑިޕްލޮމެޓިކް މުއާމަލާތްތަކެއް ކުރިއަށްދިޔަ ނަމަވެސް، އީރާނުގެ އަސްކަރީ ސްޓޭންޑަށް ނުވަތަ ސިޔާސަތަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ތެހެރާނުން ހާމަކޮށްފައެއް ނުވެއެވެ.
ސަރަހައްދީ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައި އޮތް މިދަނޑިވަޅުގައި، އީރާނުގެ މި ބަޔާނުން ހާމަވެގެންދަނީ އެގައުމުން މިހާރު މިސްރާބުޖަހާފައި މިވަނީ، ޢުދުވާނުތަކުގެ ކުރިމަތީގައި ދެން އިތުރަށް ދޫނުދިނުމާއި، ރައްދުހަމަލާތައް ދިނުމުގައި ކުރީން ބަލަމުން ދިޔަ މިންގަނޑުތައް ބަދަލުކޮށް، ހައްދެއްނެތް މިންވަރަށް ރައްދުދިނުމުގެ ހަރުކަށި ސިޔާސަތުތަކަށް ވިސްނުން ބަދަލުވެފައިވާ ކަމެވެ.



ޚިޔާލުތައް
0 ޝާއިއުކުރީޝާއިއުކުރި ޚިޔާލެއް އަދި ނެތް.