އެމެރިކާއިން އީރާނާ ދެކޮޅަށް އަސްކަރީ އިތުރު އެއްވެސް ނުރައްކަލެއް ކުރިމަތިކުރުވައިފިނަމަ، އެކަމަށް ނުހަނު ހަރުކަށި އަދި ވޭންދެނިވި ރައްދެއް ދޭނެކަމުގެ ވަރުގަދަ އިންޒާރެއް އީރާނުގެ އަސްކަރިއްޔާއިން ދީފިއެވެ.
އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިރާނުން މިގޮތަށް އިންޒާރު ދީފައި މިވަނީ، އެމެރިކާގެ އަސްކަރީ ބާރުތަކުން މެދުއިރުމަތީގައި އިތުރަށް ހަރަކާތްތެރިވަމުންދާ ދަނޑިވަޅެއްގައެވެ.
އީރާނުގެ އިސް އަސްކަރީ ކޮމާންޑަރުންނާ ހަވާލާދީ ތަސްނީމް ނިއުސްއިން ހާމަކޮށްފައިވާ ގޮތުގައި، އީރާނުގެ ސަރަހައްދީ ނަޒާހަތްތެރިކަމާއި އިސްތިޤްލާލަށް އުނިކަމެއް އަންނަފަދަ އެއްވެސް ޢަމަލެއް އެމެރިކާއިން ހިންގައިފިނަމަ، އެއަށް ދެވޭނެ ރައްދަކީ މުޅި ސަރަހައްދަށްވެސް އެކަމުގެ އަސަރު ފޯރައިގެންދާނެ އަދި އެމެރިކާއަށް ދެން ފެންނާނޭ އެންމެ ހިތި ނަތީޖާއަށް ވެގެންދާނެ ކަމެކެވެ. އީރާނުގެ ދިފާއީ ބާރުތައް އޮތީ ކޮންމެ ހިނދުކޮޅަކަށްވެސް، ފުރިހަމަ ތައްޔާރީ ހާލަތުގައި ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެއިތުރުން، އީރާނުގެ އަސްކަރީ މަސްދަރުތަކުން ފާހަގަކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ މިސައިލް ސިސްޓަމްތަކާއި އަސްކަރީ ޤާބިލުކަން ހުރީ ދުޝްމަނުންގެ އެންމެ ފުރަތަމަ ހަރަކާތާއެކުވެސް ވަގުތުން ރައްދު ދެވޭފަދަ ވަރުގަދަ ހާލަތެއްގައެވެ. އަދި އެމެރިކާއިން މެދުއިރުމަތީގައި ޤާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތަކާއި ކަނޑުގެ ބާރުތަކަކީ އީރާނުގެ މިސައިލްތަކުގެ އަމާޒުފަތްތަކުގެ ތެރޭގައިވާ ތަންތަން ކަމަށްވެސް އީރާނުން ވަނީ ހަނދާންކޮށްދީފައެވެ.
މިފަދަ ވަރުގަދަ އިންޒާރެއް އީރާނުން ދީފައިވަނީ މެދުއިރުމަތީގެ މަޝްރަޙު ނުހަނު ނާޒުކުވެ، އެމެރިކާއާއި އީރާނާ ދެމެދު އޮތް ނުވަތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
އީރާނުން ބުނެފައިވަނީ އެ ޤައުމުން އިސްވެ ހަނގުރާމައެއް ނުފަށާނެ ކަމަށާއި، ނަމަވެސް ޤައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމުގައި އެއްވެސް ވަރަކަށް ފަސްނުޖެހޭނެ ކަމަށެވެ. މުޅި ސަރަހައްދުގެ ހަމަޖެހުމަށްޓަކައި އެމެރިކާއިން ނުރައްކާތެރި ޢަމަލުތަކުން ދުރުހެލިވުމަށް އީރާނުން ވަނީ ގޮވާލާފައެވެ.



ޚިޔާލުތައް
0 ޝާއިއުކުރީޝާއިއުކުރި ޚިޔާލެއް އަދި ނެތް.