ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގައި، ހުއްދަނެތި އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކުރާނަމަ، އެ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅުއަޅާނެކަމަށް، އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެެފިއެވެ.
އެމްއޭސީއެލުން ނެރުނު ބަޔާނެއްގައި ބުނީ، ވީއައިއޭގައި ފަތުރުވެރީންނަށް ބޭނުންވާނޭ އެންމެހައި ކަންކަން ފޯރުކޮށްދިނުމަށްޓަކައި އެކި ވިޔަފާރިކުރުމާއި ޚިދުމަތްތައް ދިނުމުގެ ހުއްދަ، ވަކި ޚާއްސަ އުސޫލުތަކާއި އެއްބަސްވުންތަކެއްގެ ދަށުން، ދޫކުރަނީ އެ ކުންފުނިންކަމަށެވެ. އަދި އެފަދަ ހުއްދައެއް ނެތި، އެއަރޕޯޓުގައި ވިޔަފާރިކޮށް، ޚިދުމަތްތައް ފޯރުކޮށްދިނުމަކީ މަނާކަމެއް ކަމަށެވެ.
ނަމަވެސް، މިފަދަ އެއްވެސް ހުއްދައެއް ނެތްފަރާތްތަކުން އެއާޕޯޓުގައި ސިމްކާޑު ވިއްކުމާއި، ބޭރުފައިސާ މާރުކުރުން ފަދަ މުޢާމަލާތްތައް ކުރަމުން އަންނަ ކަމަށާއި، އެފަދަ ވިޔަފާރިއެއް އަދި ޚިދުމަތެއްވެސް، ހުއްދަނުހޯދައި ކުރުމަކީ މަނާކަމެއް ކަމަށާއި، އެފަރާތްތަކާ މެދު، ކަމާ ގުޅޭ ސަލާމަތީ މުޢައްސަސާއެއް މެދުވެރިކޮށް ޤާނޫނީ ފިޔަވަޅު އަޅާނޭ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އެމްއޭސީއެލުން ބުނީ، ފަތުރުވެރީންނާއި، އެއަރޕޯޓު ބޭނުންކުރާ އެންމެހައި ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ދެމެހެއްޓުމާއި، އެފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެ ކުންފުނީގެ ޒިންމާއެއް ކަމަށާއި، އެހެންކަމުން ހުއްދަނެތި އެފަދަ ވިޔަފާރީގެ މުޢަމަލާތެއް ކުރާ ފަރާތެއް ފާހަގަކުރެވިއްޖެ ނަމަ ފިޔަވަޅުއަޅާނޭކަމަށެވެ.