ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، ޙުސައިން ސަނީ ޢުމަރު، ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއްގައި އިސްކޮށް މަސައްްކަތްކުރަމުންއައި، ސަނީ ޢުމަރާ ގުޅޭގޮތުން ފުލުހުން ބުނެފައިވާގޮތުން، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން 30 ދުވަހަށް ކުރިން ދީފައިވާ މުއްދަތު މިއަދަށް ހަމަވުމާ ގުޅިގެން އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތުން ގޮތެއް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ސަނީ ޢުމަރުގެ މައްޗަށްކުރާ ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލަ ފުލުސް އޮފީހަށް ރިޕޯޓުކުރީ، އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ކުއްޖެއްގެ އާއިލާގެ ފަރާތުންނެވެ.
އޭނާ ފުރަތަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލުކުރީ، މި މައްސަލަ ފެންމަތިވެފައި ވަނިކޮށް، ފުރައިގެން ގޮސް ރާއްޖޭން ބޭރުގައި އުޅުމަށްފަހު، އެނބުރި ރާއްޖެއައިތަނާ ވެލާނާ އެއާޕޯޓުންނެވެ. އަދި އޭނާ ހައްޔަރުކުރީ، ދެވަނަ ފަހަރަށް ފުރަންގޮސް ހުއްޓައި އެއާޕޯޓުންނެވެ.