ދީނީ، އިޖުތިމާޢީ އަދި އެނޫންވެސް އެކިއެކި ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ދަ މައުމޫން ފައުންޑޭޝަނާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި މައުމޫން ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ މައުމޫން ފައުންޑޭޝަންގެ ޗެއަރމަން ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްއެވެ.

އިސްލާމިކް މިސްނިޓްރީން ބުނީ، މި ފަހުމުނާމާއަކީ، އެ ވުޒާރާއާއި މައުމޫން ފައުންޑޭޝަން ގުޅިގެން، ކުރިއަށް އޮތްތާ މަސައްކަތް ކުރުމަށް ސޮއިކުރެވުނު ފަހުމުނާމާއެއް ކަމަށެވެ. އެގޮތުން މީގެ ކުރިންވެސް އެ ވުޒާރާއާއި މައުމޫން ފައުންޑޭޝަން ގުޅިގެން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްފައިވެއެވެ. 

މައުމޫން ފައުންޑޭޝަނުން ބުނީ، އެ ބައެއްގެ ދާއިރާއާ ގުޅޭގޮތުން، އެއް ފަރާތުން އަނެއް ފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފަހުމުނާމާއެއްގައި، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި އެކު ސޮއިކޮށްފައިވާ ކަމަށެވެ. 

މި ފަހުމުނާމާގެ ދަށުން، އިސްލާމީ މަރުކަޒު ޢިމާރާތުގައި ހުރި އާބާތުރަ ފިލުވައި، އެކަށީގެންވާ ދިގު މުއްދަތަކަށް ބޭނުންކުރެވޭ ޢިމާރާތަކަށް ހެދުމަށް މަޝްރޫޢެއް ރާވައި، ރާއްޖެއާއި ރާއްޖޭން ބޭރުން އެހީ ހޯދައިގެން، ދެފަރާތުން އެއްބަސްވެވޭ ގޮތެއްގެ މަތިން މަސައްކަތް ކުރުމާއި، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން އިސްލާމީ މަރުކަޒުގައި ކުރިޔަށްގެންދާ ދީނީ މުނާސަބާތަކުގައި ރައީސް މައުމޫން ތަޤްރީރު ކުރެއްވުމާއި، މައުމޫން ފައުންޑޭޝަންގެ ފަރާތުން ކުރިޔަށްގެންދާ ދީނީ އަދި އިޖުތިމާޢީ އެކިއެކި ކަންކަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ފައުންޑޭޝަނުން ބުނެއެވެ.