ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގަމުންއައި މޯލްޑިވްސް ޒަކާތު ހައުސް، މިއަދުން ފެށިގެން އުވާލައްވައި، އެ ވުޒާރާގެ ދަށުން ހިންގާނޭ ވަކި އިދާރާއެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު، މޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކުރައްވައިފިއެވެ.
މި ބަދަލު ގެނެސްފައި މިވަނީ، ޤާނޫނު ނަންބަރު 2025/27 (ޒަކާތުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ ޤާނޫނަށް މިއަދު ޢަމަލުކުރާން ފެށުމާ ގުޅިގެންނެވެ. ޒަކާތުގެ ބިލު ތަސްދީޤުކުރައްވާފައިވަނީ، ނިމިދިޔަ 2025 ވަނަ އަހަރުގެ ޑިސެންބަރު 6ދުހުއެވެ.
ރައްޔިތުންގެ މަޖިލީހުން ޒަކާތުގެ ބިލު ފާސްކުރީ، އިސްލާމްދީނުގައި ޒަކާތް ޝަރުޢުކުރައްވާފައިވާ މަޤުޞަދުތައް ޙާޞިލުކުރެވޭނެ ގޮތެއްގެމަތިން ދިވެހިރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން ހަރުދަނާ ގޮތެއްގައި އިންތިޒާމުކޮށް ތަރުތީބުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމުގެ ޤާނޫނީ އޮނިގަނޑު ބަޔާންކޮށް، ޒަކާތާގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމުގެ މަޤްޞަދުގައެވެ.
ޒަކާތު ހައުސްއިން ކުރަމުންދާ މަސައްކަތްތަކަކީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްތަކެވެ.