އާ އަހަރުގެ ފުރަތަމަ ދުވަހާ ދިމާކޮށް، "މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް"ގެ ނަމުގައި އާ މުއައްސަސާއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. 

ޤާނޫނު ނަންބަރު 2025/12 (މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ޤާނޫނު)ގެ 4ވަނަ މާއްދާގެ (ހ)ގެ ދަށުން، ރައީސް މިއަދު އުފެއްދެވި މި އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ވެސް ވަނީ ހަމަޖައްސަވައިފައެވެ. 

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ ޤާނޫނުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގައި ފިކުރީ މުދާ ޙިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އައު އީޖާދުތަކަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި، ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކުރުމަށްޓަކައި މަސައްކަތް ކުރުމެވެ.

ހުސްވި 2025 ވަނަ އަހރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވި މި ޤާނޫނަށް ޢަމަލުކުރާން ހަމަޖެހިފައިވަނީ 1 ޖެނުއަރީ 2026 އިން ފެށިގެންނެވެ.