ރަސްމާލެ މަޝްރޫޢުގެ ދަށުން ބޯހިޔާވަހިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް، ހިއްކާފައިވާ ސަރަހައްދުން ގޯތި ހިމެނޭ ގޮތަށް ބޯހިޔާވަހިކަން ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓް ސީރީޒްގެ ހަވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރަސްމާލެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ސަބަބުން ބޯހިޔާވަހިކަމުގެ މުސްތަޤުބަލް ބަދަލުވެގެންދާނެ ކަމަށާއި، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރައްޔިތުންނަށް ރައްކާތެރި ބޯހިޔާވަހިކަން ކަށަވަރުކޮށްދެވޭނެ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް އެއް އަމާޒު ކަމުގައި ފާހަގަކުރައްވަމުން، ޤައުމުގެ އެންމެ ބޮޑު މި މަޝްރޫޢާ ގުޅޭގޮތުން އާންމުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ ކަންބޮޑުވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، މި މަޝްރޫޢުން ބޮޑެތި މަންފާތަކެއް ލިބިގެންދާނެ ކަމަށެވެ.
ރައީސް މި މޭރުމުން ވާހަކަފުޅުދައްކަވާފައި މިވަނީ، ޔަހޫދީންނަށް ބިންމިލްކުކުރެވޭގޮތަށް، ޔޫއޭއީގެ އީގަލް ހިލްސްއަށް ރަސްމާލޭން ބައެއް 99 އަހަރަށް ވިއްކާލުމަށް، މަކަރުވެރި ޑީލްތަކެއް ހަދަމުންދާކަމަށް ބުނެ، މި މަޝްރޫޢާ ދެކޮޅަށް ގިނަޢަދަދެއްގެ ރައްޔިތުން އަޑުއުފުލަމުންދާ ދަނޑިވަޅެއްގައެވެ.
ރައީސް ވިދާޅުވީ، މި މަޝްރޫޢުގައި ބޭރުގެ އިންވެސްޓްމަންޓްތައް ހިމެނުނު ނަމަވެސް، ދިވެހިންނަށް ޚާއްސަކޮށްފައިވާ ބޯހިޔާވަހިކަމުގެ ފުރުސަތުތަކަށް އެއްވެސް އުނިކަމެއް ނާންނާނޭ ކަމުގެ ޔަޤީންކަން ޔަޤީކަންދެއްވާ ކަމާށެވެ. އެގޮތުން ކަނޑައެޅިފައިވާ ޝަރުޠުތައް ފުރިހަމަވާ ނަމަ، ތަފާތު ކެޓަގަރީތަކުގެ ދަށުން އެދިފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ލިބޭނޭ ކަމަށެވެ. މީގެ އިތުރުން، ޤައުމުގެ ދަރަންޏަށް އިތުރު ބުރައެއް ނުވާ ގޮތަށް، ކުރިއަށް އޮތް ތަނުގައި ލިބޭ އާމްދަނީއަށް ބިނާކޮށް އަދި ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުންތައް ހިމެނޭހެން އީޖާދީ އުޞޫލުތަކުން ބޮޑެތި މަޝްރޫޢުތަކަށް ފައިނޭންސް ކުރަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ބޯހިޔާވަހިކަން އެންމެނަށް"" ސިޔާސަތުގެ ދަށުން ރަސްމާލެ ހިމެނޭ ގޮތަށް މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ހުޅުވާލި މުއްދަތު ހަމަވިއިރު 58،505 ފޯމު ހުށަހަޅާފައިވާ ކަމަށް މައުލޫމާތުތަކުން ހާމަވެއެވެ. އޭގެ ތެރޭގައި ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމް ހިމެނެއެވެ. ހައުސިން މިނިސްޓްރީން ދަނީ އެ ފޯމްތައް ދިރާސާކުރަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، އީގަލް ހިލްސްއާ ގުޅުންހުރި ޑީލުގެ ސަބަބުން ދިވެހިންނަށް ހާއްސަކޮށް ހިންގާ ބޯހިޔާވަހިކަމުގެ އެއްވެސް ކަމަކަށް ހުރަހެއް ނެތް ކަމަށެވެ. އަދި ހުޅުމާލޭގައި 5،000 ފްލެޓު މި ދައުރުގައި ރައްޔިތުންނަށް ލިބޭނެ ކަމަށާއި، އެ މަސައްކަތް 2028 އޯގަސްޓަށް ނިންމައި ހަވާލުކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ ޤުދުރަތީގޮތުން އުފެދިފައިވާ ބިން ނުހަނު މަދު ޤައުމެކެވެ. ޚާއްސަކޮށް އާބާދީ ބޮޑު، ތަރައްޤީ ފެންނާން އޮތް ސަރަޙައްދުތަކުގައި ބިމުގެ ދަތިކަން އިންތިހާއަށް ބޮޑެވެ. މާލެ ސަރަހައްދުގައި އަލަށް އުފައްދާ ހުރިހާ ބިމެއްހެން އުފައްދަނީ ބޮޑު ހަރަދުކޮށްގެން ހިންގާ ބިން ހިއްކުމުގެ މަޝްރޫޢުތަކުންނެވެ. އޮޑިޓަރ ޖެނެރަލް އޮފީހުން ކޮށްފައިވާ ދިރާސާތަކުން ދައްކާގޮތުގައި، މާލޭ ސަރަހައްދުގައި ހިލޭ ބިން ދޫކުރުމަށް ހިންގާފައިވާ ސްކީމްތަކުގެ ތެރެއިން، ޚާއްސަކޮށް 'ބިންވެރިޔާ ސްކީމް'ގެ ސަބަބުން ދައުލަތަށާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އަށް އެތައް ބިލިއަން ރުފިޔާގެ ގެއްލުން ވެފައިވެއެވެ. މި ގެއްލުންތަކުގެ ތެރޭގައި ބިމުގެ އޮޕޮޗުނިޓީ ކޮސްޓް (އެ ބިމުން އެހެން ގޮތްގޮތަށް ހޯދެން އޮތް އާމްދަނީ)، އިންފްރާސްޓްރަކްޗަރ (އުމްރާނީ ވަސީލަތްތައް ގާއިމުކުރުމުގެ ޚަރަދު)، އަދި ބަދަލު ދޭންޖެހޭ ޒިންމާތައް ހިމެނެއެވެ. މިފަދަ ގެއްލުންތަކުގެ ސަބަބުން ދިގުމުއްދަތެއްގެ މާލީ ބުރަތައް އުފެދި، އެންމެފަހުން އެކަމުގެ އަގު ދައްކަންޖެހެނީ، ގައުމުގެ އެންމެހައި ރައްޔިތުންގެ އަތުން ނަގާ ޤައުމީ ދަރަނީގެ ޒަރީއާއިން ނުވަތަ އެހެނިހެން ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފަންޑުތައް މަދުކޮށްގެންނެވެ.
ބިމުގެ ގުދުރަތީ
މުއްސަނދިކަން އިންތިހާއަށް ލިބޭން އޮތް ގައުމުތަކުގައިވެސް، މިގޮތަށް
އަވަށްތަކާއި ސިޓީތަކުން ހިލޭ ބިން ބެހުމަކީ ވަރަށް ނާދިރު ކަމެކެވެ. ސަބަބަކީ
އެފަދަ ކަންކަން އިންސާފުވެރިކޮށް ނުކުރެވޭނެތީއާއި، ސިޔާސީ ނުފޫޒާއި، ކަންކަން ނިންމުމުގައި
ވަކިބަޔަކަށް ބުރަވުމުގެ ފުރުސަތު ބޮޑުވުމާއި، އަދި ދައުލަތުގެ މިފަދަ އަގުބޮޑު
ރައުސްމާލާއި މުދާތައް އޭގެ ހަގީގީ ބޭނުންތަކާއި އުފެއްދުންތެރި އަދި ކޮންމެހެން ގާއިމުކުރާން
ޖެހޭ ޚިދުމަތްތަކަށް ވެސް ފަހުން ނުލިބި ދިއުމެވެ.
އެހެންކަމުން ބޯހިޔާވަހިކަމަށް އޮތް ދެމެހެއްޓެނިވި ހައްލުތަކުގެ ތެރޭގައި، އާމްދަނީއަށް ބަލައިގެން ލުއިގޮތަކަށް ގަނެވޭނެ ނުވަތަ ކުއްޔަށް ހިފޭނެ ސްކީމްތައް ހިންގުމާއި، ސްޓްރެޓީޖިކް ބިންތައް ދައުލަތުގެ ނުވަތަ ވިޔަފާރީގެ ކޮންޓްރޯލްގެ ދަށުގައި ބެހެޓުއްޓުމާއި، އަދި އެއިރެއްގައި ވެރިކަމުގައި ތިބޭ ބަޔަކު ބޭނުންހާ ޝަރުތަކާއެކު ހިލޭ ބިން ބަހާލުމުގެ ބަދަލުގައި ބޭނުންޖެހިފައިވާ މިންވަރަށް، ދައުލަތަށާއި އެންމެހައި ރައްޔިތުންނަށް މަންފާކުރާނޭގޮތަކަށް ބަލައިގެން ވިސްނުންތެރިކަމާއެކު ބިން ދޫކުރުން ހިމެނޭކަމަށް ކަމުގެ ތަޖުރިބާކާރުން ދެކެއެވެ. އަދި އެގޮތަށް ކަންކަން ކުރުމަށް ބާރުއަޅައެވެ.



ޚިޔާލުތައް
0 ޝާއިއުކުރީޝާއިއުކުރި ޚިޔާލެއް އަދި ނެތް.