ގެއިން ބޭރަށް ނުކުމެ ހިނގާލީމެވެ. ތަރައްޤީގެ މަގުގައި ފުރާފުރިހަމަވަމުން، އަދި ހަލުއިދުވެލީގައި އާބާދީ ފުޅާވަމުން އަންނަ، މާލެއަތޮޅު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިތްފަސޭހަ ހަވީރެކެވެ. 244 ހެކްޓަރުގެ މި ފަސްގަނޑަކީ، ދިވެހިރާއްޖޭގައި ދެވަނަ ދަރަޖައިގެ ރައްޔިތުން ނޫޅޭނޭކަމަށް އިޢުލާނުކުރައްވައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެ ފަސްގަނޑުގެ މަންފައު، އެންމެ އިންސާފުވެރިކަމާއެކު، އެންމެނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި، އަދި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހައުސިންގ މިނިސްޓަރުކަމުގައި، ޖަނަވަރީ 2015ގައި ހިއްކުމުގެ މަސައްކަތްފަށައި ހަމަ އެ އަހަރުތެރޭގައި ހިއްކައި ނިންމާލި ބިޔަބޮޑު މަޝްރޫޢެކެވެ. އެގޮތުން، 2017 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި "ހިޔާ"ގެ ނަމުގައި ބިނާކުރާންފެށި، 24 ފަންގިފިލާގެ އުސް، 16 ޓަވަރުގެ ކޮންމެ ދެޓަވަރެއްގެ ދެމެދުން ފެންނާން އޮތް ހުސް ބިންކޮޅުތަކުގައި، މާލެ ހިމެނޭހެން، ރާއްޖޭގެ އެކި ހިސާބުތަކުން މި އުންމީދީ ސަހަރަށް ހިޖުރަކޮށްގެން އުޅޭ އެތަކެއް ހާސް ޢާއިލާތަކުގެ ކުޑަކުދީން އުފާވެރިކަމާއެކު ކުޅެ މަޖާކުރަމުންދާ މަންޒަރު ފެނުމުން ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިއްބައިދިނެވެ. ފެނިގެން ދަނީ، ހުޅުމާލޭގެ ބަދަލުވެރިޔާ، އެޗްޑީސީގެ ރޭވުންތެރި، ދުރުވިސްނޭ އަދި ފުރިހަމަ ސިޔާސަތުގެ ދަށުން، މި ސަހަރުގައި ތަރައްގީކުރުމުން އަންނަ އިޖްތިމާއީ މައިޒާންތަކަށް އާއިލާތައް އެއްވެ، ޒުވާނުން އެބައިމީހުންގެ ދުވަހުގެ މަސައްކަތުގެ ވަރުބަލިކަން ފިލުވާލަން ވަގުތު ހޭދަކުރާ މަންޒަރެވެ. އުމުރުން ދުވަސްވީ މީހުންނަށްވެސް ގޭގެ ހަނި ހަތަރު ފާރުގެ ބޭރުން ފިނިވައިރޯޅިއެއް ލިބިގަނެ، އެކުވެރިންނާއި އަވައްޓެރީންނާ ބައްދަލުވެލާނެ " އަމާން" އާބާދީއެއް މި ސަރަހައްދުގައި ދަނީ އުފެދެމުންނެވެ.

މި ހިތްގައިމު މަންޒަރުތަކުން ސާފުކޮށްދޭ މުހިންމު ޙަޤީޤަތަކީ، ދިރިއުޅޭނެ ސަހަރެއް އުފައްދާއިރު، ކޮންކްރީޓް ފާރުތަކެއްގެ މައްޗަށް ގެދޮރު ބިނާކުރުމުން އެކަނި ނުފުދޭކަމެވެ. އިންސާނުންނަށް އުފަލާއި ހިތްހަމަޖެހުމުގައި ދިރިއުޅެވޭނެ މާހައުލެއް އުފެއްދުމަށްޓަކައި ނޭވާލާނެ ހުސްޖާގައާއި ފެހި މައިޒާންތައް ބާކީކުރުމަކީ މުޙިއްމު އަދި މަޖުބޫރު ކަމެއް ކަމެވެ.


ބިން ދަތި ރާއްޖޭގައި ހުސްޖާގައެއް ބާކީކުރުމުގެ ޙަޤީޤީ އަގު

ބިމުގެ ދަތިކަމަކީ މި ދިވެހިރާއްޖޭގެ ތަރައްޤީއަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާއިރު، ބިމުގެ ކޮންމެ އިންޗިއެއްވެސް، އިތުރު ފްލެޓަކަށް، ފިހާރައަކަށް ނުވަތަ އޮފީސް އިމާރާތަކަށް ބަދަލުކޮށްލުމަކީ ފަސޭހަކަމެކެވެ. އެހެންނަމަވެސް، ކޮންކްރީޓް ޖަންގައްޔެއްގެ ތެރޭންވެސް ބާއްވާ ހުސް ޖާގައަކީ "ބޭކާރު ބިމެއް" ޖާގައެއް ނޫންކަން ހާމަވަނީ މަތީގައި ފާހަކުރި ފަދަ އެތަކެއް ސަބަބުތަކާ ހެދިއެވެ. އެއީ އާބާދީ ތޮއްޖެހެމުންދާ މުޖުތަމަޢެއްގެ ނަފްސާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަމަށްޓަކައި ކޮންމެހެން ބޭނުންވާ އަސާސީ ރައުސްމާލެކެވެ.

ހުޅުމާލޭގެ ތަޞައްވުރު ދައްކުވައިދޭ ތަސްވީރެއް-- ފޮޓޯއަސްލު އޭއައި
ހުޅުމާލޭގެ ތަޞައްވުރު ދައްކުވައިދޭ ތަސްވީރެއް-- ފޮޓޯއަސްލު އޭއައި


ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ 2025ގެ ހުޅުމާލެ ބިން ބޭނުންކުރުމުގެ މާސްޓަރ ޕްލޭނަށް ބަލާއިރު، ދެވަނަ ފިޔަވަހީގެ ޖުމްލަ ބިމުގެ 27.6 އިންސައްތަ ޚާއްސަކުރެވިފައިވަނީ ފެހިކަމަށާއި ހުޅުވިފައިވާ ހުސްޖާގަތަކަށެވެ .މިއީ ރާއްޖެ ފަދައިން ބިމަށް ޖެހިފައިވާ، ދުނިޔޭގެ އެހެނިހެން ތަންތަނުގައިވެސް މިފަދަ އުސް އިމާރާތްތަކުގެ މެދުގައި އިޖްތިމާއީ ދިރުން ދެމެހެއްޓުމަށްޓަކައި ގެންގުޅޭ ވަރަށް މުޙިއްމު އަދި އަގުހުރި ނިންމުންތަކެކެވެ. ނަމަވެސް "މަޝްހޫރު ބިންވެރިޔާ ސްކީމު"ގެ ސަބަބުން، މި މާސްޓަރ ޕްލޭން އޭގެ ފުރިހަމަ މާނަކީއްކުރަންތޯއެވެ. އޭގެ ކުޑަ އިންސައްތައެއްވެސް ޙާޞިލުކުރުމަކީ ނާދިރުކަމެއްގެ ގޮތުގައި އެދަނީ ފާޅުވަމުންނެވެ. މިހާރު މި ދާގޮތުންނަމަ، ދިގު ބްރިޖަކުން ގުޅުވާލާފައިވާ، ކައިރީގައި އެއޮތް ފުރަމާލެއަށްވުރެ ހިތި ތަޖްރިބާއެއް، އެތައް ބިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން ތަރައްގީކުރަމުންދާ އަދި ދިވެހި ކޮންމެ ދަރިއެއްގެ ބޮލަށް ދަރަނީގެ ހިއްސާ ހަމަހަމައަށް އެޅޭނޭ މި ފަސްގަނޑު ކުރާނޭކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން، އޭރު ސިވިލް ސަރވިސްގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަށް ޚާއްސަކޮށްގެން ޢިމާރާތްކުރި 2+1 ކޮޓަރީގެ ހިޔާ ފްލެޓްތައް.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން، އޭރު ސިވިލް ސަރވިސްގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަށް ޚާއްސަކޮށްގެން ޢިމާރާތްކުރި 2+1 ކޮޓަރީގެ ހިޔާ ފްލެޓްތައް. ފަހުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ބަދަލުކުރީ ވިނަރެސްއަށް.


ފެހި ޖާގައަކީ ހަމައެކަނި ރީތިކަމަށް ނުވަތަ ޒީނަތްތެރިކަމަށް ހެދޭ ތަންތަނެއް ނޫން

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔޫއެޗްއޯ)އިން ފާހަގަކުރާ ގޮތުގައި، ސަހަރުތަކުގެ ފެހި މައިޒާންތަކުގެ ސަބަބުން، އެތަނެއްގައި ދިރިއުޅޭ މީހުންގެ ނަފްސާނީ ވަރުބަލިކަން ކުޑަކޮށްދީ، ހިނގުމާއި ކުޅިވަރު ފަދަ ޖިސްމާނީ ހަރަކާތްތަކަށް މަގުފަހިކޮށްދެއެވެ. އަދި މިފަދަ ސަހަރުތަކުގައި އުފެދޭ ހޫނުކަމާއި، އަޑުގަދަވުމާއި، ވައިގެ ތަޣައްޔަރުކަން ކުޑަކުރުމަށްވެސް މިފަދަ ފެހި ޖާގަތައް ވަރަށް ބޮޑަށް އެހީތެރިވެދެއެވެ.


1984ވަނަ އަހަރު އެމެރިކާގެ ޕްރޮފެސަރ ރޮޖަރ އުލްރިކް (Roger Ulrich) ކުރެއްވި މަޝްހޫރު ދިރާސާއަކުން އެނގުނު ގޮތުގައި، ތަފާތު ބަލިތަކުގައި ކުރެވޭ އެކިއެކި އޮޕަރޭޝަންތަކަށްފަހު، ހަމައެކަނި ސިމެންތި ފާރެއް ފެންނަގޮތަށް ހުންނަ ކޮޓަރިތަކުގައި އެނދުމަތިކޮށްފައި ތިބޭ، ބަލިމީހުންނަށްވުރެ، ގަސްގަހާގެހި ފެންނަގޮތަށް ހަދާފައިވާ ކޮޓަރިތަކުގައި ބައިތިއްބާ ބަލިމީހުން، ބަލިން ރަނގަޅުވެ، މާ އަވަހަށް ހޮސްޕިޓަލުން ދޫކޮށްލެވޭވަރުވެއެވެ.

އެޗްޑީސީގެ ފަރާތުން ތައްޔާރުކޮށްފައިވާ ފުޓްސަލް ދަނޑެއް-- ފޮޓޯ: އެޗްޑިސީ
އެޗްޑީސީގެ ފަރާތުން ތައްޔާރުކޮށްފައިވާ ފުޓްސަލް ދަނޑެއް-- ފޮޓޯ: އެޗްޑިސީ


މީގެއިން އެނގެނީ ކުޑަކުދީންނަށް، އެކުދީން ކުޅެލާނެ ޕާކެއް ނުވަތަ މައިޒާނެއް، ދޮށީޢުމުރުގެ މީހުން ނުވަތަ އިސްރައްވެހީންނަށް ދުވާލުގެ ވަރުބަލިކަން ފިލުވައިލާން އިށީނދެލާނެ ބެންޗެއް، އަދި ޒުވާނުންނަށް އެކުވެރީންނާއެކު ވަގުތުހޭދަކޮށްލާނޭ ގޮތަށް، ތައްޔާރުކޮށްލެވޭ މިފަދަ ހުޅުވިފައިވާ ޖާގައެއް ލިބުމަކީ އިތުރު އިމްތިޔާޒެއް ނޫންކަމެވެ. އެހެނެއް ކަމަކު އެއީ، އާބާދީ ބޮޑު މިފަދަ ސަހަރެއްގައި ދިރިއުޅޭ އިންސާނުންގެ އާންމު ސިއްޙަތާއި، ދުޅަހެޔޮކަމާއި އިޖްތިމާއީ ރައްކާތެރިކަމުގެ އަސާސީ ބަހާއެއް ކަމެވެ.


ފުރަމާލޭން ދިން ހިތްދަތި ފިލާވަޅު

ތާރީޚަށް ބަލާއިރު، މާލޭގެ ތޮއްޖެހުމާއި، ބިމުގެ ދަތިކަމުގެ ސަބަބުން، ދިވެހިރާއްޖޭގެ ވެރިރަށުގައި ކުޑަކުދިންނަށް ކުޅެލާނެ، ދުވަސްވީ މީހުންނަށް ހަމަޖެހިލާނެ، އަދި އާއިލާތަކަށް އެކުވެލާނެ ހުސްޖާގަތައް މުޅިންހެން ވަނީ ނިގުޅައިގަނެވިފައެވެ. މާލޭގެ ތަޖްރިބާއިން ދަސްވި އެންމެ ބޮޑު ފިލާވަޅަކީ، އެއްވެސް ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުނުވެ، ސަހަރެއް އެއްފަހަރު ނަމަވެސް ކޮންކްރީޓުން ތޮއްޖެހިއްޖެނަމަ، އަލުން ނޭވާލާނެ ޖާގައެއް ހޯދުމަކީ ބިލިއަނުން ޚަރަދުކުރިޔަސް ނުކުރެވޭނެ ކަމެއް ކަމެވެ.

ދިވެހިރާއްޖޭގެ ވެރިރަށް ފުރަމާލެ
ދިވެހިރާއްޖޭގެ ވެރިރަށް ފުރަމާލޭގެ ތަސްވީރެއް--


ހުޅުމާލެއަކީ މާސްޓަރ ޕްލޭނަކާއެކު ތަރައްޤީކުރެވޭ ސަހަރަކަށް ވާތީ، މާލެއަށް ހެދުނު ތާރީޚީ ކުށްތައް ތަކުރާރުނުކުރުމުގެ ހަނި ފުރުސަތެއް މިއަދުވެސް އަޅުގަނޑުމެންނަށް އެބައޮތެވެ. ނަމަވެސް އެއީ ނިކަން ކެރޭ، ރައްޔިތުންނާ ދެތެރޭ ކުލުނުހުރި، ހަރުދަނާ ވިސްނުންތެރި ބަޔަކު، ހެޔޮ ނިޔަތުގައި ކުރަން އުޅެފި ނަމަ ކުރެވޭނޭ ކަންތަކެވެ. ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް 2018 ވަނަ އަހަރު ސިޓީސްކޭޕް އެވޯޑްސްގެ "ބެސްޓް މާސްޓަރ ޕްލޭން ޕްރޮޖެކްޓް" އެވޯޑު ލިބުމާއި، 2021ގައި އާކިޓެކްޗަރ މާސްޓަރޕްރައިޒްގެ "ލޭންޑްސްކޭޕް އާކިޓެކްޗަރ/އާބަން ޕްލޭނިންގ" ބައިން ޚާއްސަ އެވޯޑެއް ލިބިފައިވަނީ، ހަމައެކަނި އެތަނުގައި ބިނާކުރާން ނިންމާފައިވާ ކޮންކްރީޓް އިމާރާތްތަކެއްގެ ސަބަބަކުން ނޫނެވެ. އެއީ ޕާކުތަކާއި، ސްކޫލްތަކާއި، މިސްކިތްތަކާއި، ސިއްޙީ ޚިދުމަތްތަކާއި އިޖްތިމާއީ، އަދި އެނޫންވެސް އަސާސީ ޚިދުމަތްތަކަށް ހުޅުވިފައިވާ ޖާގަތައް ހިމަނައިގެން ދިރިއުޅޭނެ އުފާވެރި މާހައުލެއް ފޯރުކޮށްދޭން އެ ޕްލޭނުގައި ހިމަނާފައިވާލެއް ފުރިހަމަކަމުންނެވެ.

އެޗްޑިސީގެ ފަރާތުން ހުޅުމާލޭގެ މަގުތައް ރަނގަޅުފެންވަރެއްގައި ބެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރޭ-- ފޮޓޯ: އެޗްޑިސީ

އެޗްޑިސީގެ ފަރާތުން ހުޅުމާލޭގެ މަގުތައް ރަނގަޅުފެންވަރެއްގައި ބެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރޭ-- ފޮޓޯ: އެޗްޑިސީ


ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ އެއްމެދު ޢިމާރާތްތައް ހިމެނޭ ސަރަޙައްދުތަކުގައި ގާއިމުކޮށްފައިވާ މިފަދަ ވަސީލަތްތަކާއެކު، އެޗްޑީސީން މިހާރުވެސް ހުޅުމާލޭގެ ދެ ފިޔަވަހީގައި ޕޮކެޓް ޕާކުތަކާއި ނެއިބަރހުޑް ސްޕޯޓްސް ޕާކުތައް ފަދަ އިޖްތިމާއީ މައިޒާންތައް ތަރައްޤީކުރަމުންދާ ދިއުމަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެޅޭ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި، ތަޢުރީފު ޙައްޤު ފިޔަވަޅުތަކެވެ. އަދި މިމަސައްކަތުގައި ވަކިބައެއްގެ މަތީން ހަނދާންނައްތައި ނުލާނޭކަމުގެ އުންމީދުގައި އެތަކެއް ހާސް ރައްޔިތުން ތިބޭނޭކަން އެޗްޑީސީން ދަންނާނެކަމީވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އެހެނަސް ސިޔާސީ މުނާފިގުކަން، މިދެންނެވި ކަންކަން ޙާސިލުކުރުމުގައި ހުރަހަކަށް ވެއްޖެނަމަ، ދެން އެކަމަށް ކުރާނޭ ތަޢުރީފެއް ބުނާނޭ ހެޔޮބަހެއް ނޯންނާނެއެވެ. އަދި އޭގެ ސަބަބުން ރައްޔިތުންނަށް ކުރާނީ ޢިއާދަނުކުރެވޭފަދަ، ދެމެހެއްޓެނިވި ބޮޑު ގެއްލުންތަކެއްކަން ފުރަމާލޭގެ ތަރައްޤީގެ ހިތި މާޒީން ސާބިތުވެ ކަށަވަރުވާނެއެވެ.


ހުސްޖާގައަކީ "ބޭކާރު" ތަނެއް ނޫން

މިހާރު އެންމެ މުހިންމު ކަމަކީ، މިފަދަ ހުސްޖާގަތައް ހަމައެކަނި ޕްލޭނެއްގައި ކުރަހާލުމުން ނިންމާނުލައި، އެއީ ރައްޔިތުންގެ ބޭނުމަށް ޚާއްސަ ކުރެވިފައިވާ ތަންތަން ކަމުގައި ޤާނޫނީ ގޮތުން ރައްކާތެރިކުރުމެވެ. ފަހުން އަންނަ ސަރުކާރަކުން ނުވަތަ ސިޔާސީ ނުފޫޒަކުން މިފަދަ ޕާކުތަކާއި ހުސްޖާގަތައް ޕާކިންގއަށް، އިމާރާތްކުރުމަށް ނުވަތަ ވަކިބަޔަކަށް ގޯތިދިނުމަށް ބަދަލުކުރުން ޤާނޫނުން މަނާކުރަންޖެހެއެވެ. އަދި މިފަދަ ކަންކަން މިހާރުކޮށްފައި ހުރި ނަމަ ވަގުތުން ޤާނޫނީ ފިޔަވަޅު އަޅައި، އެފަދަ ބިންތައް އަނބުރާ ހޯދާން ޖެހެއެވެ. ޤާނޫނަކީ ވަކިބަޔަކާ ޖެހުނީމައި، ފުންމަފުންމައިގެންދާ، އަދި އަނެއްބަޔަކާ ޖެހުނީމައި ކޮރުޖަހަމުން، ފަހަތުފަޔަށް ބަރުވަމުންދާ އެއްޗަކަށް ވެގެން ނުވާނެއެވެ.

ވިނަރެސް ފްލެޓްތަކާޢި ހިޔާ ފްލެޓްތަކާ ދެމެދު-- ފޮޓޯ: އަސްލުނިއުސް
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޢިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކާއި ވިނަރެސް ފްލެޓްތަކާ ދެމެދުގައި ހަދާފައިވާ ޕާކާއި އައުޓްޑޯ ޖިމް-- ފޮޓޯ: އަސްލުނިއުސް


ސިޓީ ނުވަތަ މިގޮތަށް ތަރައްޤީ ކުރެވިފައިވާ ސަހަރުތަކަކީ ހަމައެކަނި އިމާރާތްތަކާއި މަގުތަކެއްގެ މައްޗަށް ގާއިމުކޮށްފައިވާ ހާއްޔެއް ނޫނެވެ. ސަހަރަކަށް ދިރުން އަންނަނީ، އެތަނުގައި ދިރިއުޅޭ ރައްޔިތުން، ގެއިން ބޭރަށް ނިކުމެ، ނޭވާލައި، ކުޅެ، އެކުވެރިވެ، އުފާވެރި މުޖުތަމަޢެއްގެ ގޮތުގައި ދިރިއުޅޭން ފެށުމުންނެވެ. ސިޔާސީ ބޭނުމަށް، ރައްޔިތުންގެ މިފަދަ ހަރުމުދާތައް ބޯކިބަލެއްހެން ފޮތިފޮތިކޮށްލީމާ ކަމަކުނުދާނެނޫންތޯއެވެ.


އަހަރެން ކުރާ ވެރިކަމެއްގައި ނަމަ...

"ދަންނަވަންތޯއެވެ. އަހަރެންގެ ނުފޫޒެއް އޮވެގެން، ނުވަތަ އަހަންނަށް ކުރާން ލިބިއްޖެ ވެރިކަމެއްގައި ނަމަ، މިގައުމުގައި މިގޮތަށް ތަރައްގީކުރެވޭ ކޮންމެ ރެސިޑެންޝަލް ނެއިބަރހުޑެއްގައި 'ގްރީން އެންޑް ސޯޝަލް ސްޕޭސް މެންޑޭޓް' ޤާނޫނީ ގޮތުން މަޖުބޫރުކުރުވާނަމެވެ. އުސް އިމާރާތްތަކުގެ މެދުގައިވާ ހުސްޖާގަތަކަކީ ހަމައެކަނި އިޚްތިޔާރީ ކަމެއްގެ ގޮތުގައި ނުބާއްވައި، ކޮންމެ 1,000 އާއިލާއަކަށް ކަނޑައެޅޭ ވަކި ނިސްބަތެއްގެ ފަސްގަނޑު، ޕާކުތަކާއި ކުޑަކުދިންގެ މައިޒާންތަކާއި މިސްކިތްތަކާއި ތަޢުލީމާއި ޢިޖްތިމާއީ ކަންކަމަށް ޚާއްސަކުރެވޭނެއެވެ. ސިޓީ ޕްލޭނިންގގެ އަސާސަކަށް އަހަރެންނަމަ ހަދާނީ ހަމައެކަނި ކޮންކްރީޓެއް ނޫނެވެ؛ ނުވަތަ އިންތިޚާބާ ދިމާކޮށް ޖަހާ ކަޑަތަކެއްވެސް ނޫނެވެ. ސިޓީ ޕްލޭނިންގގެ އަސާސަކަށް އަހަރެންނަމަ ހަދާނީ ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަމެވެ. އިންސާނިއްޔަތުކަމާއި އުފާވެރި ޢާއިލާތަކެއް އާބާދުކުރުމުގެ ވިސްނުމެވެ. ސިޔާސީ މަންފާއެއް ޙާސިލްކުރުމަށް ރައްޔިތުންގެ މިފަދަ ޙައްޤުތައް ޤުރުބާނެއް ނުކުރާނަމެވެ."